އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫއުތަކެއް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ކަރަންޓްގެ ހިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާ އެކު ތެލުގެއަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުން ވެސް އެނގި ހާމަވާ ކަމަށެވެ.
މިގޮތުން، ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރައްވާފައިވާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ނައިބު ވަނީ ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މާލޭގެ ކަރަންޓުގެ ހިދުމަތުގެ ތާރީހަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައް ވެސް ފާހަގަކުރައްވާ ވަނީ ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
ނައިބު ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ހިދުމަތާ މެދުގައި ކަމަށާއި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމަށެވެ.
ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ހިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރު އެވެ.






