އައްޑޫ ސިޓީ ލިންކު ރޯޑުގައި ރައްކާތެރިނޫން ހެލްމެޓް އަޅާ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލު ކުރުމަށް 500 ހެލްމެޓް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފިއެވެ.
މި ހެލްމެޓްތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެވެއާނަސް ކެމްޕެއިން "ރައްކާ" ޕްރޮގްރާމްގެ ދަށުން، ރައްކާ ރޯޑް ސޭފްޓީ ޕާޓްނަރ ޝީޝާ ހޮންޑަރ މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބެހުމަށް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރި ހެލްމެޓް ތަކެކެެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހެލްމެޓްތަކާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. ޝީޝާގެ ފަރާތުން ހެލްމެޓްތައް ހަވާލުކޮށް ދެއްވީ ކުންފުނީގެ ސީއީއޯ އިބްރާހީމް ހުޝާމްއެވެ. މި ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަޒުހާން އަދި ޝީޝާގެ އޮޕަރޭޝަން އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުން ހިންގާ ރައްކާ ޕްރޮގްރާމްގައި ޝީޝާގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.
ރަސްމިއްޔާތުގައި ޝީޝާގެ ސީއީއޯ އިބްރާހީމް ހުޝާމް ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމަކީ އަބަދުވެސް އުފަލެއްކަމުގައި ޝީޝާއިން ދެކޭކަމަށް ފާހަގަ ކުރެއްވެވިއެވެ.
އައްޑޫ ސިޓީ ލިންކު ރޯޑުގައި ރައްކާތެރިނޫން ހެލްމެޓް އަޅާ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އައްޑޫ ސިޓީގައެވެ.
އެގޮތުން، އައްޑޫ ސިޓީގައި ރައްކާތެރި ނޫން ހެލްމެޓް ގެންގުޅޭ މީހުންގެ ހެލްމެޓް ރައްކާތެރި ހެލްމެޓަށް ބަދަލުކޮށްދިނުމުގެ ކުރިން އެއް ގަޑިއިރުގެ އެވެއާނަސް ސެޝަނެއް ކޮންމެ މީހަކުވެސް ފުރިހަކުރަންޖެހެއެވެ. އައްޑޫ ސިޓީގައި މި ސެޝަންތައް ކުރިއަށް ގެންދާނީ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.
ސެޝަންތައް އޮންނާނެ ދުވަސްތަކާއި ގަޑިތައް ފަހުން އިއުލާނުކުރެވޭނެއެވެ.






