Close

10 އަހަރަށް ފަހު، ރައީސަކު ފުރަތަމަ ފަހަަރަށް ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ދާންދޫ ކައުންސިލް އިދާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދާންދޫ ކައުންސިލުން ވަނީ މިސަރުކާރުން ދާންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ޝުކުރުދަންނަވާފަ އެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭގައި ވެސް ރައީސަކު ދާންދޫއަށް ޒިޔާރަތްކުރައްވައި ދާންދޫ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި މިގޮތަށް ރައްޔިތުންގެ ހިޔާލު ހޯއްދެވި ފުރަތަމަ ފަހަރުކަމަށާއި ސަރުކާރުގެ މުއައްސަސާތަކުން ރަށުގެ ތަރައްގީއަށް ބޭނުންވާކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

ދާންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފަ އެވެ.

އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފެށުމަށާއި ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާކަމަށް ވަނީ ދަންނަވާފަ އެވެ.

މީގެ އިތުރުން އެރަށް ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށާއި، އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުމަށް ބޭނުންވާކަމަށް ވެސް ދެންނެވި އެވެ. އަދި ދޮރެގަލާ ދާންދޫގެ އިޙްތިޞާޞްގައި ހިމަނަން ރައްޔިތުން ބޭނުންވާ ކަމަށް ވެސް ދެންނެވި އެވެ.

މީގެ އިތުރުން ވެސް ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތާއި، މަގުހެދުމާއިި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފަ އެވެ. ކައުންސިލް މެންބަރުން ވަނީ ސްކޫލްގެ ތަޢުލީމީ މަންހަޖަށް ކޮމްޕިއުޓަރ ސްޓަޑީސް އާ އައިސީޓީ އިތުރުކޮށްދެެއްވުމަށް ވެސް ދަންނަވާފަ އެވެ.

ދާންދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ރަށުގައި އެމްއެންޔޫ ކެމްޕަހެއްގެ މުހިންމުކަމާއި، ޑިޓޮކްސް ސެންޓަރެއް ޤާއިމްކުރުމާއި އިނޑޯ ޖިމް އަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތެއް ފަހިކޮށްދިނުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދާންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފަ އެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް، ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top