Close

ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން މި ސަރުކާރުން ބަލާނެ: ނައިބު ރައީސް

މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އާރު.ޑީ.ސީ( އަށް 3 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނައިބު ވިދާޅުވީ އެކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ކޮށްދިނުމަށް ވެސް އިސްކަންދޭނެ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބުގެ ވަނީ އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި ގައުމެއް ކުރިއަރައި ދާނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމުގައި ވިދާޅުވެ، އެކަން އެގޮތަށް ކުރުމަަށް ބާރުއަޅުއްވާފަ އެވެ.

އާރް.ޑީ.ސީ އަކީ މުވައްޒަފުންނާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަކުރައްވާ ނައިބު ވިދާޅުވީ އާރް.ޑީ.ސީ އިން އަންހެނުންނަށް ފުޅާ ދާއިރާއެއްގައި އެކި ރޮނގުތަކުން މަސައްކަތްކުރުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި އިޖުތިމާއީ ކަންކަމުގައި ވެސް އެކުންފުނިން ބައިވެރިވާކަން ފާހަގަކުރައްވާފައި ވެއެވެ.

މި ހަފްލާގައި ބްލައިންޑް އެސޯސިއޭޝަނަށް ދެވޭ ރަމްޒީ ހަދިޔާ ހަވާލުކުރުމާއި، ކޯޕަރޭޓިވް އެޑިއުކޭޝަން ޕްރޮގްރާމް (ބިނާވެހި) ލޯންޗުކޮށްފައި ވެއެވެ. އަދި އެކި ދާއިރާތަކުން މުވައްޒަފުންނަށް އެވޯޑު ހަވާލުކުރުން ވެސް ކުރިއަށްދިޔައެވެ.

އެގޮތުން އާރް.ޑީ.ސީގެ މުވައްޒަފުންނަށް، ޢުމަރު ޒާހިރު އެވޯޑު ހަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ނައިބު ރައީސަށް ވަނީ ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 9 ޖޫން 2019 ގައި އާރް.ޑީ.ސީ އުފެއްދެވީ މި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްކަމުގައި މި ސަރުކާރުން ދެކިލައްވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top