ޚިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ޤައުމީ މަޞްލަޙަތަށް ބުރޫ އެރިޔަނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފި އެވެ.
މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ މި ފެށުނު އައު އަހަރުގެ ޢަޒުމެއްކަމުގައި ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމަށް ކަމަށެވެ.
މީގެ އިތުރުން އެއްބައިވަންތަކަން އިސްކޮށް، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ ޚިޔާލު ތަފާތުވުންތަކާ އެކުގައި ވެސް، ޤައުމީ މަޞްލަޙަތަށް ބުރޫ އެރިޔަނުދީ، ޞުލްޙައިގެ މަގު އިޚްތިޔާރު ކުރުމަށް ކަމަށެވެ.
ރައީސްގެ ޚިތާބުގައި ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި، އިންސާނީ ޙައްޤުތައް ކުރިއަރުވައި، އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
ހަމަމިއާއެކު ރަނގަޅު ނަތީޖާއެއް ވެސް ޙާޞިލުކުރެވުނު ކަމުގައި ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ މިހާރު އަންނަނީ ލިބެމުން ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޯވިޑް-19ގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ، ކޯވިޑްގެ ކުރިން އޮތް އިގްތިސާދީ ހާލަތަށް ވުރެ ވެސް މާ ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއްކަމަށާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީ ވެސް، އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ވެސް ރައީސް ވަނީ ބަޔާންކުރައްވާފަ އެވެ.
ރައީސް ވަނީ މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ހަޔާތުގައި ވެސް މުހިންމު ހަރަކާތްތަކަކަށް އަލިވިލުނު އަހަރެއްކަމުގައި ސިފަކުރައްވާފަ އެވެ. އަދި، މިއަދު ދިވެހިން ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަޞައްރަފު ފުދިފައި ކަމަށް ވެސް ވިދާޅުވި އެވެ.
މި މޭރުމުން ކިތާބުގައި އިތުރަށް ވިދާޅުވީ ގައުމުގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށެވެ.
ހަމައެފަދައިން ޤައުމުގެ ސިޔާސީ އަދި އިޖްތިމާޢީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުންކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެ ފައެވެ.







