Close

ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ވަނީ ނިގުޅައިގެންފަ

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މުހައްމަދު ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގެންފައި ކަމަށާއި އެއީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ނަޝީދުގެ ކެމްޕޭން އޮފީހުން ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ހިނގަމުންދާގޮތާއި މެދު ހިތްހަމަނުޖެހި، ނެރުނު ސްޓޭޓްމެންޓެއްގަ އެވެ.

އެ ސްޓޭޓްމެންޓުގައި މިނިވަން އިންސާފުވެރި ރިޔާސީ ޕްރައިމެރީއަކަށް ގޮވައިލާ އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީ 2023 އާ ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިނުން މައިގަނޑު ހަތަރު ސީރިއަސް މައްސަލައެއް ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން ފުރަތަމައީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ އެޕާޓީއެއްގެ މެންބަރުންކަމުގައިވާ ހިނދު، އިނގިލީގެ ނިޝާންޖެހި މެންބަރޝިޕް ފޯމެއް ނެތިގެން އަދި އެހެން ޕާޓީއެއްގައި ނަން އޮވެގެންކަމަށް ބުނެ އެމްޑީޕީގެ 39،398 މެންބަރުން މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަރ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުން ވެސް، އަދި ޤާނޫނުގެ ދަށުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަރޝިޕް އިޔާދަކޮށް، އެ މެންބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ގޮވައިލާފަ އެވެ.

އެ ސްޓޭޓްމެންޓުގައި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިޔާސީ ޕްރައިމަރީގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމުގެ ޒިންމާ އަސާސީ ގަވާއިދުން ހަވާލުކޮށްފައިވާ ކޮމިޓީ، އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް ގައުމީ މަޖިލީހުން އިންތިހާބު ކުރުމުގެ ކުރީން އެކޮމިޓީން ކުރާންޖެހޭ މަސައްކަތް ކޮންމެވެސް އެހެން ފަރާތަކުން ކޮށް، ޕާޓީން އެކަންކަން އިޢުލާނުކޮށް، ކުރިއަށް ގެންދިޔުމެވެ.

އެހެންކަމުން އެއީ އަސާސީ ގަވާއިދާ ހިލާފަށް ހިންގާފައިވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ތިންވަނަ ކަމަކަށް ރިޔާސީ ޕްރައިމަރީ އިޢުލާންކުރީ 18 ޑިސެންބަރު 2022 ގައި ކަމަށްވީއިރު، ޕާޓީން ޢާންމުކުރި 'ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ފުރާންޖެހޭ ފޯމު' އެތާރީޚުގެ މާކުރީން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޕެއިނަށް ލިބި، އެމުއްދަތުގައި ތާޢީދު ފޯމުތައް ފުރަމުން ގެންގޮސްފައިވުން ހިމެނެއެވެ.

އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ގެ ކުރީން ވެސް ކެންޕެއިންގެ އިސް ހަރަކާތްތެރިން ތާއީދު ފޯމުފުރާކަމުގެ ސޯޝަލް މީޑިޔާގެ ޕޯސްޓާއި ފޮޓޯއާއެކު އާންމުކޮށްފައިވާކަން ފާހަގަވާ ކަމަށް އެ ސްޓޭޓްމެންޓުގައި ވެއެވެ.

"މިކަން މިހައި ހާމަކަން ބޮޑުކޮށް ކުރުމުންވެސް، އެކަން ހިންގާފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެނގެނީ، ހިނގަމުންދާ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރެވެ." ސްޓޭޓްމެންޓުގައި ވެއެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ނަޝީދުގެ އޮފީހުން ފާހަގަކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް ވުމެވެ.

އެގޮތުން، ޕާޓީގެ ނިންމުމަކީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ތާރީޚް ކަމުގައިވާ 18 ޑިސެމްބަރ 2022 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށް ކަމަށެވެ.

އެހެންނަމަވެސް އެތާރީޚުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށާއި މިކެމްޕޭނަށް ޤަބޫލުކުރެވެނީ އެމީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެނޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ނަޝީދުގެ ކެމްޕެއިން އޮފީހުން ވިދާޅުވީ އެ މައްސަލަތައް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ޕޯޓަލް އަދި ސިޓީ މެދުވެރިކޮށް މިހާރުވާނީ ހުށަހަޅާފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top