ކޮވިޑަށް މެދުކަނޑާލާފައިވާ ޗައިނާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.
އެގޮތުން ބެއިޖިންގ ކެޕިޓަލް އެއަރލައިންސްގެ ޗާޓަރު ދަތުރެއް މި ޖެނުއަރީ މަހުގެ 18 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެ އެއަރލައިންގެ އިތުރުން ޗައިނާ އީސްޓަން އާއި ހޮންގކޮންގ އެއަރލައިނުން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޚަބަރުތައް ވަނީ ފެތުރިފަ އެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އަންނަ ގައުމަކަށް ޗައިނާވެފައިވާއިރު، 2019 ވަނަ އަހަރު އެގައުމުން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
އެގައުމުގައި އަދިވެސް ކޮންމެވެސް ވަރަކަށް ކޮވިޑު އުޅުނުނަމަވެސް ކަރަންޓީނުވުމުގެ އުސޫލުތައް އުވާލައި ބޯޑަރު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.
ކަންމިހެން އޮތްއިރު، އެ ބައްޔާއި ގުޅިގެން އެކަށީގެންވާ ސައްހަ މައުލޫމާތާއި އަދަދުތައް ހާމަކުރަމުންނުދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނާއި އެހެން ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
އެހެންނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް ރާއްޖެއިން އަޅާނެކަން ނުވަތަ އެފަދަ މަޝްވަރާއެއް ކުރަމުންދާކަމަށް ކަމާގުޅޭ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






