Close

ޔާމީންގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓު ދޫކޮށްފި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިން ދައުވާގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަށްފަހު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފި އެވެ.

އެކަން ހާމަކުރައްވާ ގާނޫނީ ވަކީލު އާދަމް ޝަމީމް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އެންމެފަހުން ރިޕޯޓު ލިބިއްޖެ ކަމަށާއި ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއްް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު އެވެ.

އެދުވަހަށް ފަހު، ޔާމީންގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، އެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ކްރިމިނަލް ކޯޓަށް ވެސް ގޮސްފަ އެވެ.

އިދިކޮޅު ކޯލިޝަނުން އެދުވަހު ވިދާޅުވެފައިވަނީ އެދުވަހާއި ހަމައަށް ކޯޓުން، ހުކުމުގެ ކޮޕީވެސް އަދި ރިޕޯޓު ވެސް ވަކީލުންނަށް ދީފައި ނުވާ ކަމަށާއި މިއީ މީގެ ކުރިން މައްސަލަތަކުގައި ކޯޓުން އަމަލު ކުރާގޮތް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވާ ގޮތުން ވެސް ހުކުމް ކުރާ ދުވަހު ހުކުމުގެ ކޮޕީ ހަވާލުކުރަންވާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން، އެ ރިޕޯޓު ހޯދުމަށް ޑިސެމްބަރ 26، 2022 ވަނަ ދުވަހު ހެނދުނު ކޯޓަށް ދިއުމުން 11 ޖަހާއިރު، ރިޕޯޓު ލިބޭނެކަމަށް ވިދާޅުވި ކަމަށާއި އެކަމަކު އެދުވަހުގެ 12 ޖެހި އިރުވެސް ރިޕޯޓު ނުލިބޭ ކަމަށް ކޯލިޝަނުން ވިދާޅުވި އެވެ.

އެ ކޯލިޝަނުން ވިދާޅުވީ ހުކުމާއި ރިޕޯޓު ދިނުން ލަސްވަނީ ޔާމީނަށް އިއްވާފައިވަނީ އަވަސް އަރުވާލައިގެން ވަކި ބަޔަކު އެންގި ގޮތަކަށް ލިޔުނު ހުކުމެއް ކަމަށްވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން، ޔާމީނަށް ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ލައިވް ވެސް މިހާރު ވަނީ ޔޫޓިއުބުން ނަގާފަ އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ 25 ޑިސެމްބަރ 2022 އިން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.

ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވުުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.

ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައި ދިނުމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދި އެވެ. އެއީ އެ މަރުހަލާ އެހެން ދުވަހަކަށް ފަސްކޮށް ނުދޭތީ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top