ނ. އަތޮޅުގައި އޮންނަ ވެލާ ރިސޯޓަކީ އަގުބޮޑޫ ފުރިހަމަ ހިދުމަތްތަކެއްދޭ މުއްސަނދިންނަށް އެކަނި ގޮސް އުޅެވޭނެ ފެންވަރުގެ އަގުބޮޑު ރިސޯޓެކެވެ.
ރިސޯޓުގެ ހިދުމަތްތައް ކިތންމެ އަގުބޮޑަށް އެއީ ރާއްޖޭގެ އެންމެ މަގުބޫލު ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓެވެ. ހާއްސަކޮށް އެ ރިސޯޓުގެ ފަޅު ތެރޭގައި ހަދާފައި އޮންނަ ރޮމޭންޓިކް ފޫލް ރެސިޑެންސް އަކީ ލޯބިވެރިންގެ މެދުގައި މަގުބޫލު ހާއްސަ ހިދުމަތްތަކެއް ލިބޭ ތަނެކެވެ.
ވެލާގައި 47 ވިލާ ހުރެ އެވެ. އަދި 18 މޫދު ކޮޓަރި ހުރެ އެވެ. މޫދު ކޮޓަރިތަކުގެ ތެރެއިން ރޮމޭންޓިކް ޕޫލް ރެސިޑެންސްގެ ތަފާތަކީ އެތަނަށް ދެވޭނީ ބޯޓެއްގައި އެވެ. ގެއަކުން ލިބޭނެ ހުރިހާ ހިދުމަތެއް ލިބޭ އެތަނަށް ދިއުމަށް އެހެން މޫދު ކޮޓަރިތަކަށް ދާން އަޅާފައި އޮންނަ ފާލަމެއް ނޯވެ އެވެ.
އެތަނުގައި ހިދުމަތްދޭން ތިބެނީ ހާއްސަ މުވައްޒަފުންނެވެ. އެމީހުންގެ ޒިންމާއަކީ ހަމައެކަނި ޕޫލް ރެސިޑެންސްގެ ކަސްޓަމަރުންނަށް ހިދުމަތް ކުރުމެވެ. އެތަނަށް ޗުއްޓީ ހޭދަކުރަންދާ ކަޕްލްސްއަށް ފުރަތަމަ މަރުހަބާ ކިޔަނީ ރަތް ފިނިފެންމަލުގެ ފިޔައިންނެވެ. އެއް ކޮޓަރީގެ އެ އެޕާޓްމެންޓު ހަދާފައިވަނީ ތަފާތު ވައްތަރުގެ ލަކުޑި ބޭނުންކޮށްގެންނެވެ.
ރާއްޖޭގެ ހިތްގައިމު މާހައުލުގައި ތާޒާ ވައި ލިބޭގޮތަށް ޖަކޫޒީ އާއި ސަންކެން ބާތް އަދި ޕޫލް ބޭނުން ކުރެވޭނެ އެވެ. އަދި އެޕާޓްމެންޓުގެ ސީލީންގުގައި ހަރުކޮށްފައިވާ ބިއްލޫރި ދޮރުން އުޑުމަތީގެ ހިތްގައިމު ކަމާއި ސާފުކަން ބަލާލެވޭނެ އެވެ.
އެތަނުގައި ޕްރައިވެޓް ޕޫލް އަކާއި ޖިމްއެއް އަދި ސްޕާއެއް ހުރެ އެވެ.
ކެއުމުގައި ކަޕްލް ބޭނުންގޮތެއް ހިޔާރު ކުރެވެ އެވެ. އެގޮތުން ރިސޯޓުގެ ރެސްޓޯރެންޓުތަކަށް ދިއުން ނުވަތަ ޕްރައިވެޓްކޮށް ޕޫލް ރެސިޑެންސްގައި ކެއުންވެސް ހިޔާރު ކުރެވޭނެ އެވެ. އެތަނުން ކަސްޓަމަރުން ބޭނުން ވައްތަރެއްގެ ރަހައެއް ތައްޔާރުކޮށްދޭނެ އެވެ. އަދި ހާއްސަ ޝެފްއަކާއި އެކު ހާއްސަ މުއިންތަކާއި ރަހަތަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ހިދުމަތްތަކާއި އެކު އެ ރިސޯޓުން ވަނީ އަންނަ މަހު ޓޫރިސްޓުން ފާހަގަ ކުރާ ލޯބިވެރިންގެ ދުވަހަށް ހާއްސަކޮށް ހާއްސަ ޕްކޭޖެއް ތައާރަފުކޮށްފައި އެވެ. އެގޮތުން އެއް ރެއަށް ދެ ލައްކަ ޑޮލަރަށް އެތައް ލިބޭއިރު އިތުރުވާ ކޮންމެ ރެއަކަށް 12،000 ޑޮލަރު އިތުރުވެ އެވެ.
މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.






