ވޯލްޑް ގަވަރމަންޓް ސަމިޓުގައި ބައިވެރިވުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ރަސްމީ ޔޫއޭއީ އަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ސަމިޓު އޮންނާނީ މިމަހުގެ 13 އިން 15 އަށް މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅަކީ ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިއަހަރުގެ ސަމިޓުކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެންނެވެ.
މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެއެވެ.
މީގެ އިތުރުން މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް، ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހި ސަރުކާރާއި ޔޫ.އޭ.އީ. ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.
ނައިބުގެ މި ދަތުރުފުޅު ނިންމަވާލައްވައ، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.







