ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަންފަށާފައި ހުރިކަންކަން ކުރިޔަށް އޮތް ދައުރުގައި ވެސް އިތުރަށް ފުރިހަމަކޮށް ކުރިޔަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
ފުލުހުންގެ ކިބައިން އެމަނިކުފާނު މިއަދު މިކަމަށް އެދިވަޑައިގެންނެވީ މާލޭ އޭރިޔާގެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ނިމިގެންދާ 5 އަހަރަކީ، ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު ފަސް އަހަރު ކަމަށެވެ.
މިގޮތުން، ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި، ޚާއްސަގޮތެއްގައި ''ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވިފައިވުން ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން، ޚާއްސަކޮށް، ކޯވިޑް-19ގެ ހާލަތުގައި، ފުލުހުން ކުރި މަސައްކަތްތައް ނައިބު ފާހަގަކުރެއްވިއެވެ. މިގޮތުން ކޯވިޑް-19އިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކުގައި އަމަލީގޮތުން ފުލުހުން އަދާކުރި ދައުރުގެ މައްޗަށް ވެސް ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތުތަކާއި އެކު މަގުމައްޗާއި، ކަނޑުދަތުރާއި، މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ދިމާވާ ކަންކަމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފެށިފައި ހުރި މަސައްކަތްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ޚާއްސަގޮތެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށްޓަކައި، ރިހެބިލިޓޭޝަން އައިލެންޑެއްގެ ގޮތުގައި ހައްދުންމަތީ ކަޅައިދޫ ތަރައްޤީކުރުމަށް ކުރެވެމުން ދިޔަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހޭލުންތެރިކަން އިތުރު ކުރުމަށާއި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމަށް ފުލުހުންނާއިއެކު ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.






