Close

ޝަރުއީ ހުކުމެއް ތަންފީޒުކުރާ މީހަކަށް ޕާޓީ އުފައްދަން އީސީ އަށް ހުށަނޭޅޭނެކަން ހަނދާންކޮށްދީފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަނޭޅުއްވޭނެ އެ ކޮމިޝަނުން މިއަދު ހަނދާންކޮށްދީފިއެވެ.

މިގޮތުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާ ނަމަ، 9 ޝަރުތެއް ފުރިހަމަވާ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހި ރައްޔިތަކަށްވުމާއި، ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުމާއި، އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމެވެ.

އިތުރު ޝަރުޠުތައް

    • އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން.
    • ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުން.
    • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ދުވަސް ވެފައިވުން.
    •  މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
    • ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން.

ހަބީބް މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޔާމީން ޕީޕީއެމުން ވަކިވެވަޑައިގގެން އާ ޕާާޓީއެއް އުފެއްދުމާ ދިމާލަށް ވަނީ މިސްރާބު ޖަހައިފައެވެ. އެކަމަކު، ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނު ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން ނަމަ، އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް އުފައްދަވަން ހުށަނޭޅުއްވޭނެއެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top