މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ.
މާލޭ ސިޓީ ކައުންސިލުން ތިން ކައުންސިލަރުންގެ މަގާމު ހުސްވީ، އެ ކައުންސިލްގެ މެންބަރަކު އިސްތިއުފާދެއްވުމުންނެވެ. އެއީ އައު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ. މީގެ ތެރެއިން އަބުދުﷲ އާއި ރަމީޒް އައްޔަނުކޮށްފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށެވެ. ސަމްނާޒް އައްޔަނުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރަކަށެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގައި ވާހަކަ ދައްކަވަމުން އިސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ހުސްވެފައިވާ މާލޭ މޭޔަރުކަމަށް ކުރިމަތިލާނެކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލެ ސިޓީ ކައުންސިލްގައި ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ސައިފް ފާތިހް އެވެ. އަދި އަލަށް އުފައްދަން މަސައްކަތްކުރާ ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރިމަތިލައްވާނެ ކަމަށް ވަނީ ޢިއުލާން ކުރައްވާފައެވެ. އެމްޑީޕީގެ ފަރާތުން ކުރީގެ ވަޒީރު އަހްމަދު މަޚްލޫފް ކުރިމަތިލައްވާނެކަން ޢިއުލާންކުރައްވާފައި ވިޔަސް، އެ ޕާޓީގެ ފަރާތުން މޭޔަރުކަމަށް ނުކުންނަވާނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.






