މަޝްހޫރު މަލްޓިނޭޝަނަލް ކޮފީ ކުންފުނި, ސްޓާބަކްސް ބޯއިކޮޓް ކުރުމުން 12 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެއްޖެއެވެ.
އެ ކުންފުނި ބޯއިކޮޓް ކުރަން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެ ކުންފުނިން އިސްރާއީލަށް ތާއީދު ކުރާތީއެވެ. މި ބޯއިކޮޓްއާއެކު އެއް މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ މާކެޓް ވެލިއުއިން 12 ބިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ރައްޔިތުން ސްޓާބަކްސް ބޯއިކޮޓް ކުރަން ފެށުމުން ހަފުތާއަކަށްފަހު ހަފުތާއެއް އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ދަށަށް ވެއްޓިފައެވެ. އެގޮތުން މި ހަފުތާ ފެށިއިރު އެ ކުންފުނީގެ ހިއްސާ 1.6 އިންސައްތަ ވެއްޓިފައިވާއިރު މިއީ މިގޮތަށް ހިއްސާގެ އަގު ވެއްޓޭތާ ޖެހިޖެހިގެން 11 ވަނަ ހަފުތާއެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މިއީ 1992 ވަނަ އަހަރު އެ ކުންފުނި އުފެދުނުފަހުން ޖެހިޖެހިގެން ކުންފުނީގެ ހިއްސާގެ އަގު އެހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
ކުރިން މި ދުވަސްވަރު ސްޓާބަކްސްގެ ހިއްސާއެއްގެ އަގު 115 އެމެރިކާ ޑޮލަރަށް އަރާއިރު މިހާރު އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 95.80 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.
ބޯއިކޮޓާ ގުޅިގެން ސްޓާބަކްސް އިން ވަނީ ގިނަ ކަސްޓަމަރުން ގެނައުމަށް ތަފާތު އެކި ޕްރޮމޯޝަންތައް ވެސް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް ހުރިހާ ޕްރޮމޯޝަނެއް ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މިހާރު ދުނިޔޭގެ އެންމެ މަޝްހޫރުވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކްގެ ކްރިއޭޓިވް ސެންޓަރުން ބުނެފައިވާގޮތުގައި މިދިޔަ މަހުގެ ތެރޭގައި 16000 ފަހަރު "ބޯއިކޮޓް ސްޓާބަކްސް" ހޭޝްޓެގް ވަނީ ބޭނުންކޮށްފައެވެ. އެއީ 176 މިލިއަން ވިއުސް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.






