އަސީރުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު މަޝްވަރާ ކުރުމަށް ޤަތަރަށް ކުރަން ނިންމާފައިވާ ދަތުރު އިސްރާއީލުން ކެންސަލްކޮށްފިއެވެ.
މި ދަތުރުގައި އިސްރާއީލުން ބައިވެރިވާނެ ކަމަށް ރިޕޯޓު ކޮށްފައިވަނީ ފޮރިން އިންޓެލިޖެންސް ސާވިސްގެ ހެޑް, މޮސާޑުގެ ޑިރެކްޔަރި ޑޭވިޑް ބާނިއާއެވެ. އޭނާގެ ދަތުރު ކެންސަލް ކުރިކަން ސީއެންއެންއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ ކުރިން ވެސް އިސްރައީލާއި ހަމާސްއާ ދެމެދު އަސީރުން ބަދަލު ކުރުމުގެ މަޝްވަރާތައް ކޮށްފައިވަނީ ޤަތަރުގައެވެ. ނަމަވެސް ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފަށައި އިސްރާއީލުން ވަނީ ޤަތަރުގައި މަޝްވަރާތަކަށް ގޮސް ތިބި އިސް އޮފިޝަލުން އަނބުރާ ގެންގޮސްފައެވެ.
އަލުން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޤަތަރާއި އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް ބެންޖަމިން ނަތަންޔާހޫ އިސްކޮށް ހުންނަ އިސްރާއީލުގެ ހަނގުރާމައާ ގުޅުންހުރި ކެބިނެޓުން އެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށް އިސްރާއީލުގެ ޗެނަލް13 އިން ވަނީ މިދިޔަ ބުދަ ދުވަހު ރިޕޯޓު ކޮށްފައެވެ.
ހަމާސްއިން ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ބައެއް ރައްޔިތުން އަސީރުންގެ ގޮތުގައި ނަގާފައެވެ. އިސްރާއީލުން ބުނާ ގޮތުގައި 135 އަސީރުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ދުނިޔޭގައި ތިބި ކަމަށް ލަފަ ކުރެވެނީ 15 އަސީރުންނެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިން ވި އެއްބަސްވުމަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަނީ ވެސް އަސީރުން މިނިވަންކުރުމަށް ކަމަށް ބުނެއެވެ.
އަސީރުން މިނިވަން ކުރުމުގެ މަޝްވަރާ ކެންސަލް ކުރުމުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ބޮޑުވަޒީރާއި ސަރުކާރުން އާއިލާތަކާއި މިހާރު ބައްދަލުކުރަން ވެސް ދެކޮޅު ހަދާ ކަމަށް އެ އާއިލާތަކުން ވަނީ ނެރުނު ބަޔާނެއްގައި ބުނެފައެވެ.
ހަމާސް އިން ވަނީ އެއްބަސްވުމަކާ ނުލައި ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ބައެއް އަސީރުން މީގެ ކުރިން ވެސް މިނިވަން ކޮށްފައެވެ. މިގޮތަށް މިނިވަން ކުރާ އަސީރުން ބުނާ ގޮތުގައި ހަމާސް އިން އެ މީހުންނަށް ގޯނާއެއް ނުކުރެއެވެ. އަދި އެ މީހުންގެ ހުރިހާ ކަމެއް ރަނގަޅަށް އެ ޖަމާއަތުން ބަލާ ކަމަށް ވެސް ބުނެއެވެ. މީގެ ސަބަބުން އިސްރާއީލުން ދުނިޔެއަށް ދައްކަން އުޅޭ ހަމާސްގެ ތަސްވީރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމާލަތަކުގައި 15000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.







