ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން އުޅުމަކީ ޤައުމަށް ޣައްދާރުވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، ހޮޅިން ރާއްޖެ ހިފި ހާދިސާފަދަ ހާދިސާ ތަކަކީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން ކަމަށެވެ.
ރައީސް ވިދާޅުވީ، ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށެވެ.
މީގެ އިތުރުން އެއީ ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.







