ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީއެވެ.
މީގެ އިތުރުންވެސް ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށާއި، ދިވެހި ޙައްޖު މިޝަނަށް ލިބިފައިވެއެވެ. އަދި ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެއެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ޙައްލު ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ.







