އައްޑޫ ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލްގައި ދަރިވަރުންނަށް ހުނަރު ދަސްކޮށްދޭ “ޝަރަފުއްދީން ސްކިލްސް ސެންޓަރ” ހުޅުވައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހު ޝަރަފުއްދީން ސްކޫލްގައި ހުޅުވި މި ސްކިލްސް ސެންޓަރު ހުޅުވައިދެއްވީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދެވެ.
މިވަގުތު ޝަރަފުއްދީން ސްކިލްސް ސެންޓަރުގައި ދަސްކޮށްދެނީ ކެއްކުމާއި ފެހުމުގެ ހުނަރުތަކެވެ. އަދި ދެވަނަ ޓާމު ފެށުމާއި އެކު އެހެނިހެން ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ސްކޫލްތަކުގައި ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ސްކިލްސް ސެންޓަރުތައް ހޅުވައި ބޭނުން ހިފެމުންދާއިރު އެޑިޔުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީޢު ވިދާޅުވެފައިވަނީ ދެން އަންނަ ދިރާސީ އައު އަހަރާއި އެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފަށުމުގެ އަމާޒަށް ހިފައިފައިވާ ކަމަށެވެ.






