Close

ނައިބު ރައީސް ގދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ގދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި އެ އަތޮޅުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިމެނެއެވެ.

މީގެ އިތުރުން އަތޮޅުގެ އެކިރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ރޭވިފައިހުރި މަޝްރޫޢުތައް ނުހުއްޓި ކުރިޔަށްގެންދިއުމާއި އަތޮޅުގައި ހުރި ފަޅުތަކާއި ފަޅުރަށްތަކުގެ ނަފާ އެންމެ ފުރިހަމަގޮތުން ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުވުމުގެ މުހިންމުކަމާއި އަދި އަތޮޅަށް އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުން ގެނައުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަތޮޅުކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެއަތޮޅުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި ގދ އަތޮޅުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންނާއި މަޝްވަރާކުރެވިގެންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވިކަންކަމުގައި ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top