ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ތުރުކީން އެމެރިކާއަށް ގޮވާލައިފިއެވެ.
އެމެރިކާއަށް މިގޮތަށް ގޮވާލީ ތުރުކީގެ ފޮރިން މިނިސްޓަރު ޙަކާން ފިދާންއެވެ. އޭނާ ވަނީ ނުފޫޒު ބޭނުންކޮށްގެން އެ ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެންގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު ތުރުކީން ވަޞީ ފާޅުގައި އެކަން ކުށްވެރިކޮށްފައެވެ. އަދި ފަލަސްތީނުގެ ބިންތައް އެ ޤައުމުގެ ރައްޔިޔުންނަށް ދިނުމަށްވެސް ތުރުކީން އަންނަނީ ވަކާލާތު ކުރަމުންނެވެ.
މި ހަމަލާތައް ކުށްވެރިކޮށް ޔަހޫދީންގެ އިސްވެރިން ބައިނަލްއަޤުވާނީ ކޯޓުތަކުގެ ކުރިމައްޗަށް ގެނައުމަށް ވެސް ތުރުކީން އަންނަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ބްލިންކެންއާ ބައްދަލުކުރައްވާ ފިދާން ވިދާޅުވީ އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާއާ ހުޅަނގު އައްސޭރީގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ. އަދި ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށްފަހު ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ދެމިއޮންނަ ސުލްހައެއް ޤާއިމުކުރުމަށް އިސްރާއީލާއެކު މަޝްވަރާތައް ކުރުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާ ދިނުން ތުރުކީން ކުށްވެރި ކުރި ނަމަވެސް އަދިވެސް އެ ގައުމުން އިސްރާއީލާމެދު ފިޔަވަޅެއް ނާޅައެވެ. އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން އަދިވެސް އެ ގައުމުން ދަނީ ދަމަހައްޓަމުންނެވެ.







