ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު އިއްޔެ ފަށައިފިއެވެ.
ފުށިދިއްގަރު ފަޅުގައި މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢޫ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް ސަރުކާރުން ދީފައިވާ ނަމަކީ "ރަސްމާލެ" އެވެ.
އެތަނަށް އެ ނަންދެއްވައި އިއްޔެގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.
ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫ ނުވާނެގޮތަށް ފުށިދިއްގަރާ އެންމެކައިރީ އޮތް ފަޅުގައި އެއަރ ސްޓްރިޕެއް ޤާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއިއެކު ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.







