ޣައްޒާއަށް ކުރިމަތިކުރަމުންދާލާއިންސާނީ ޢަމަލުތައް ނިމުމަކަށް ގެނައުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނިއުޔޯކްގައި ކުރިއަށްދިޔަ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައެވެ.
ނިއުޔޯކްގައި ކުރިއަށްދާ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ.އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އިބްރާހީމް ޒުހުރީއެވެ.
ރައީސްގެ މެސެޖުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އ.ދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައި ވިދާޅުވިއެވެ.
“މީގެ 78 އަހަރު ކުރިން އ.ދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރުކުރުމަށްކަމުގައި ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް” ރައީސް ޑރ މުޙައްމަދު މުޢިއްޒު
ހަމަ އެއާއެކު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.7 އޮކްޓޫބަރު 2023 ގެ ކުރިން ވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހަށް ރައީސް ގޮވާލެއްވިއެވެ.
ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ޙިމާޔަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގައި ހިފަހައްޓައި އެ ޤާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ހަމަމިއާއި އެކު ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްޠީނުގެ އިޤްތިޞާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަޤްވާމީގޮތެއްގައި ބާރުއެޅުމަށް ރައީސް ގޮވައިލެއްވިއެވެ. އ.ދ.ގެ މި ކުއްލި ބައްދަލުވުމަކީ މިޞްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އ.ދ.ގެ އާންމު މަޖިލީހުގެ ޤަރާރު 377 "ޔުނައިޓިންގ ފޮރ ޕީސް" ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.






