Close

ހައްޖު ކޯޕަރޭޝަންއާއި ހައްޖު ކޯޓާ ހަވާލުކުރުމުގެ އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި!

ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ވުޒާރާއާއި ދެމެދު އެއްބަސް ވުމުގައި ސޮއި ކުރެވެނީ. ފޮޓޯ: އިސްލާމީ ވުޒާރާ

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައްވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަން ވަޒީރު ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމި މަޤްސަދަކީ، އެއްވެސް ވަރަކަށް ހައްޖަށް މީހުން ގެންދާ ގުރޫޕްތަކަށް އުނދަގޫ ކުރަން ނޫން ކަމަށާއި، ހައްޖު ކޯޓާ ނު އަގުގައި ވިއްކާ އޭގެ ސަބަބުން ދަތިތައް ރައްޔިތުންނަށް ކުރިމަތިވާތީ، އެކަން ހައްލުކުރުމަށް ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހައްޖު ފަންޑު ތަރައްގީކޮށް، މި ވުޒާރާއިން ހައްޖު ކޯޕަރޭޝަންއާއި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވަރެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަ ކުރައްވާ ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ޝަކީލް ވިދާޅުވީ، އެއްބަސްވުމުގައި މިއަދު ސޮއި ކުރެވުނު ނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެކު މަގާމަށް އައްޔަނު ކުރެވުނު ދުވަހުން ފެށިގެން މަސައްކަތްކުރަން ފަށައިފައިވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top