1 ޖެނުއަރީ 2024 އިން ފެށިގެން ޢުމުރުން 50 ދިވެހިންނަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ޒީނިޔާ މިހެން ވިދާޅުވީ އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމާއި ގުޅޭ މަޢުލޫމާތު ޚިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒީނިޔާ ވިދާޅުވީ އެރައްޔިތަކު މެޑިކަލް ޗެކަޕް ހައްދަން ބޭނުންވާ ހޮސްޕިޓަލެއްގައި ނުވަތަ ހެލްތް ސެންޓަރެއްގައި ނަން ނޯޓް ކުރުމަށް މިއަދުން ފެށިގެން ހުޅުވައިލެވިފައިވާ ކަމަށެވެ. އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހަދައިދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ސިއްޚީ ޚިދްމަތްދޭ ތަންތަނުންނެވެ.
ޒީނިޔާ ވިދާޅުވީ އޭގެ ތެރޭގައި ރަށްރަށުގެ ހެލްތް ސެންޓަރު ތަކުން ފެށިގެން އައިޖީއެމްއެޗް ޓާޝަރީ ހޮސްޕިޓަލް ތައް ފަދަ ތަންތަންވެސް ހިމެނިގެން ދާކަމަށެވެ.
ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް ބޮޑަށް ބައްޓަން ކޮށްފައި އޮތީ ރާއްޖެގައި މިވަގުތު އެންމެ ގިނައި ފަރުވާ ނަގަމުންދާ ބޮޑެތި ބަލިތަކަށް އަމާޒުކޮށް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަކުރު ބަލި، ފުއްޕާމެއާއި ގުޅުންހުރި ބަލިތައް، ހިތާއި ހިތުގެ ލޭ ހޮޅިތަކާއި ގުޅުންހުރި ބަލިތައް، ކިޑްނީ އާއި ގުޅުން ހުރި ބަލިތައް، ފުއްޕާމެއާއި ގުޅުންހުރި ބަލިތައް އަދި ކެންސަރުގެ ބަލިތަކެވެ.
ޒީނީޔާ ވިދާޅުވީ މި ޚިދްމަތް ތަޢާރަފްކުރުމުގައި ޓައިމް ލައިންތަކެއް ގެންގުޅުންވާ ކަމަށެވެ.
“އެޓައިމްލައިންގެ ތެރެއިން މިއަދު މިފައްޓަނީ ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް، 50 އަހަރުން މަތީގެ މީހުންނަށް މި ފައްޓަނީ މިދެންނެވި ބޮޑެތި ބަލިތަކުގަ ބޮޑަށް ހަމަ ތަހައްމަލް ކުރަނީ އުމުރުން 50 އަަހަރުން މަތީގެ ގިނަ ރައްޔިތުން ތަކެއް ވީމަ، ދެންވެސް މިޢުމުރުފުރާގަ މިބަލި ނުޖެހި ތިބި އާބާދީ ޗެކަޕް ހަދާލުން، އެމީހުންގެ މެދުގައިވެސް މިކަހަ ބޮޑެތި ބަލިތަައް ކުރިޔާލައި ދަނެގަނެވޭނެ ކަހަލަ އެމަޤްސަދު ހާސިލް ކުރުމުގެ ގޮތުން” ޒީނިޔާ ވިދާޅުވިއެެވެ.
މީގެ އިތުުރުން މިޚިދްމަތް އެހެން ޢުމުރުފުރާތަކަށް ފެށިގެންދާނެ ތާރީޚްތައްވެސް ޒީނިޔާ ވަނީ ވިދާޅުވެދެއްވައިފައެެވެ.
އެގޮތުން 1 އޭޕްރީލް 2024ން ފެށިގެން 35އަަހަރާއި 40 އަަހަރާއި ދެމެދުގެ މީހުންނަށް މިޚިދްމަތް ހުޅުވާލާއިރު 19 އަހަރުން ދަށުގެ ސްކޫލް ދަރިވަރުންނަށް މިޚިދްމަތް ސްކޫލް ހެލްތް ސްކްރީނިންގެ ދަށުން ހުޅުވާލުމަށް ހަމަޖެހިފައިވަނީވެސް ހަމަ އެތާރީޚުގައެވެ.
19 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނަށް އެ ޚިދްމަތަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2024ން ފެށިގެނެވެ.






