އައު ސަރުކާރުގެ ދީނީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފި އެވެ.
މިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ ދަށުން ހިމެނޭ ކަމެކެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ކުރިއަށްގެންދިޔަ ޙަފްލާއެއްގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.
މިތަނަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް އުފައްދަވާފައިވާ ތަނެކެވެ.
މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.







