ޚިދްމަތުން ދުރުވެފައިވާ ނަރުހުންނާއި ސިއްޚީ ޙިދްމަތްތެރިން އަލުން ޚިދްމަތަށް ނެރުމަށް ޚާއްސަ ސިޔާސަތެއް އެކަށައެޅުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، މިކަން ކުރެއްވުމަށް ހަމަޖެހިފައިވަނީ، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމައެެވެ.
މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްވަނީ ރައީސް ޑރ ނިންމަވާފައެވެ.
އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސްވަނީ އެމަނިކުފާނު ނިންމަވާފައެވެ.
މީގެ އިތުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށްވެސް ވަނީ ރައީސް ޑރ މުޢިއްޒު ވަނީ ނިންމަވާފައެވެ.






