މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވާތީ ހުޅުމާލޭ ސަހަރާގައި މީހުން މައްޔިތުން ވަޅުލުން މެދުކަނޑާލައި އާސަހަރާގައި މައްޔިތުން ވަޅުލަން ފަށައިފިއެވެ.
ވަގުތީ ގޮތުން އާ ސަހަރާއަށް މީހުން ވަޅުލުމުގެ ކަންކަން ބަދަލުކޮށްފައިވަނީ، މާލެ ސަރަަހައްދަށް ކުރި ވިއްސާރައިގެ ސަބަބުން ހުޅުމާލެ ސަހަރާގައި ވަޅުކޮންނަ އިރު ފެން އަރާފައި ހުންނަކަން ފާހަގަކުރެވިގެންނެވެ.
އެގޮތުން އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެންގަނޑެއް އުފެދިފައި އޮންނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.
ޝަތުފާ ވިދާޅުވީ މޫސުން ރަނގަޅުވެ ފެންގަނޑު ހިނދުމުން މީހުން ވަޅުލުމުގެ ކަންކަން އަނެއްކާވެސް ހުޅުމާލެ ސަހަރާއަށް ބަދަލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރިން ކުރި ނަމަވެސް އެތަން މަރާމާތައް ބަންދުކުރުމަށްފަހު މީހުން ވަޅުލުމުގެ ކަންކަން މިދިޔަ އަހަރު ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.
މާލެ ސަރަހައްދަށް މިދިޔަ ހޮނިހިރު ދުވަހު ރެކޯޑު ޢަދަދަކަށް ވަނީ ވާރޭ ވެހިފައެވެ. އެކަމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.






