Close

ރަމަޟާން މަހަށް ހުކުރު މިސްކިތް ސަރަޙައްދާއި މުންނާރު ޒީނަތްތެރިކުރަނީ!

ހުކުރު މިސްކިތާއި އެމިސްކިތުގެ މުންނާރު. ފޮޓޯ: ތިލަދުން

މިއަހަރުގެ ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަޙައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ މިކަމަށް ބޭނުންވާ ތައްޔާރީތައް ސްޓެލްކޯއާއެކު މިހާރު ވަމުންދާކަމަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރުމިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ހަމަޖައްސާފައިވާކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ގެ އިތުރުން ދެ މުއައްސަސާގެ ކަމާބެހޭ އިސްވެރިން ބައްދަލު ކުރައްވައި މި މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވާކަމަށް އެވުޒާރާއިން ބުނެއެވެ.

އެ ދެ މުއައްސަސާގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައްވެސް ހިމެނޭ ޚާއްޞަ ކޮމިޓީ އެއްގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށްވެސް ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފުޅާކޮށް، ހާއްސަކޮށް ތަރިކަ ޙިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު އިތުރުކުރުމަށް ތަރިކައާ ބެހޭ ވުޒާރާއާއެކު ވަނީ މަޝްވަރާކޮށްފައި ކަމަށްެވެސް އެވުޒާރާއިން މައުލޫމާތު ދެއެެވެ.

ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމަކީ ސްޓެލްކޯ ގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތަކަށް ވާއިރު، މިއަހަރު ފަށާ މި ޚާއްޞަ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށްެވެސް އެވުޒާރާއިން ބުނެއެވެ.

އެތަނުގައި ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރ ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. މި މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ޚާއްޞަ ފަންނީ ޓީމަކުން ކަމަށްެވެސް އެވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ވިއްސާރަ އަލިވެ މި މަސައްކަތަށް މޫސުން ތަންދިންހާ އަވަހަކަށް މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް ނިމޭއިރު އެސަރަޙައްދު އޮންނާނީ އާސާރުތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރެވިފައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ހަމަމިއާއިއެކު ރަމަޟާން މަހުގެ އިތުރުން ކުރިއަށްއޮތް ތަނުގައި ޢީދުފަދަ އިސްލާމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް އެރަޙައްދު ސާފުކޮށް ޒީނަތްތެރިކުރުމުގެ ކަންކަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top