Close

މެޑިކަލް އާއި ނުލައި ވާކްޕާމިޓް ނުލިބޭނެ ގޮތް ހަދައިފި!

ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންތަކެއް. ފޮޓޯ: އަވަސް

މެޑިކަލް ރިޕޯޓާއި ނުލައި ރާއްޖެއަންނަ ބިދޭސީންނަށް ވާކްޕާމިޓް ނުލިބެނެ ގޮތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތައި ބެހޭ ވުޒާރާއިން ހަދައިފިއެވެ.

އެވުޒާރާއިން މިކަމާއި ގުޅިގެން އިއްޔެ ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ އަދި ވަރކް ޕަރމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕަރމިޓްގެ މުއްދަތު އިތުރުކުރުމަށް ވަރކް ޕަރމިޓް ފީ ދެއްކޭނީ، އެވުޒާރާގައި ރަޖިސްޓްރީ ކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ " ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމުގައެވެ.

ހަމަމިއާއި އެކު ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެކަމުގައި އެވުޒާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން އެވުޒާރާއިން ބުނެފައިވަނީ މިވަގުތު ވަރކް ޕަރމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވަރކް ޕަރމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެންކަމަށެވެ. އަދިހަމަ މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، ސިއްޚީ ވުޒާރާއިން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެކަމުގައި ވެސް ދާޚިލީ ވުޒާރާއިން ބުނެއެވެ.

ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެކަމުގައެވެ. އަދި މި މުއްދަތާއި ހަމައަށް ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R111) ގެ ދަށުން ފިޔަވަޅު އެޅޭނެކަމުގައިވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

އަދި 2024 ފެބްރުއަރީ 04 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވަރކް ޕަރމިޓް ކެންސަލް ކުރެވޭނީ، ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމަ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މިއާއިއެކު މިމުއްދަތު ހަމަވެފައިވާނަމަ، ވަރކް ޕަރމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R-111) ގެ ދަށުން 2,000/- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކުރަމުން ގެންގޮސްފައިވަނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވަރކް ޕަރމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top