މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ފުލުހުން ނިންމައިފިއެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަރ ފުލުހުންނާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމެވުންތަކެއް ނިންމާފައި ކަމަށްވެސް ފުލހުން ބުނެއެވެ.
އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައްވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭގެއިތުރުން މި ބައްދަލުކުރެއްވުމުގައި ވަނީ މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވި، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ނިންމުންތައް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޅުމަށް ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.






