އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް އިސްލާމިކް ސޮލިޑަރިޓީ ފަންޑުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި އެވެ.
މިމަޝްވަރާތައް ކޮށްފައިވަނީ އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަަލީ ސަޢީދު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ހިޒްއެކްސެލެންސީ ޙުސައިން އިބްރާހީމް ޠާހާގެ އަރިހަށް ކުރެއްވެވި އިޙުތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ޑރ. ޝަހީމްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕްގައި އޯއައިސީ އިން އިސްލާމީ އުންމަތަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އަދި ފަލަޞްޠީނުގެ ޙައްޤުގައި އޯއައިސީއިން ކުރަމުންދާ މަސައްކަތް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޑރ މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންތައްތަކުގައި ކަނޑައަޅުއްވާފައިވާ މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި އޯއައިސީގެ ދަށުން ހިންގާ އިސްލާމީ މުއައްސަސާތަކުގެ އެހީތެެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތިުން ދިވެހިރާއްޖޭގެ ފަތުވާކައުންސިލާއި ޒަކާތު ހައުސްއާއި އައުޤާފު އިންވެސްޓްމަންޓްސް ތަރައްޤީކުރުމަށް އޯއައިސީގެ ދަށުން ހިންގާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑިބީ)އާއި އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި އިސްލާމިކް ސޮލިޑަރިޓީ ފަންޑުގެ އެހީތެރިކަން މިނިސްޓްރީއަށް ލިބޭނެ ގޮތް ހޯދުމާމެދު މަޝްވަރާކުރެވުނެވެ.
ހަމަމިއާއި އެކު އިސްލާމޯފޯބިއާއި ކައުންޓަރ ޓެރަރިޒަމް ދާއިރާއިން ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު ވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން އޯއައިސީގެ ދަށުގައި ހުރި ޔުނިވަރސިޓީތަކުން އިސްލާމީ ދާއިރާތަކުން ރާއްޖޭގެ އިލްމުވެރިންނާއި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފަހި ފުރުޞަތު ހޯދުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވަޒީރު ޑރ ޝަހީމް އޯއައިސީއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ޑރ ޝަހީމް އޯއައިސީގައި ވަޒީފާ އަދާ ކުރެއްވި ދުވަސްވަރު ކޮށްދެއްވި އަގުހުރި ޚިދުމަަތަށް އޯއައިސީގެ ފަރާތުންވަނީ ޝުކުރު އަދާކުރައްވައިފައެވެ. ވަޒީރު ޑރ ޝަހީމްވަނީ 2019-2021 އަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވާފައެވެ.
އޯއައިސީގެ ވޮއިސް އޮފް ވިޒްޑަމް ސެންޓަރުގެ އިންޗާޖުކަމާއި އޯއައިސީން ތައްޔާރުކުރި އިސްލާމިކް އިންސައިކޮލޮޕީޑިއާ އެކުލަވާލުމުގައި ވެސް ޑރ ޝަހީމްވަނީ ވިލަރެސްކުރައްވާފައެވެ.
ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ ހެޑްކުއާޓަރގައި މިއަދު އޮތް މި ބައްދަލުވުމުގައި އިސްލާމީ ވުޒާރާއާއި، ސަޢޫދީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިސް ބައެއް އޮފިޝަލުން ބައިވެވެވަޑައިގެންނެވިއެވެ.
ޑރ. ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ ސަޢުދީގެ ޙައްޖު މިނިސްޓަރުގެ ދަޢުވަތަކަށެވެ.






