ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަ މީހުންނަށް ޚާއްސަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް އެކުލަވައިލުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައިފައިވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމެވެ.
އިއްޔެ ބޭއްވުނު ކެބިނެޓް ބައްދަލުވުމުގެ ކަންކަން ޚިއްސާ ކުރެއްވުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކެބިނެޓް ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސަ ސޯޝަލް ހައުސިންގެ ކެޓަގަރީއެއް އެކުލަވައިލުމަށް ކެބިނެޓް އަށް ކަރުދާހެއް ހުށައެޅިފައިވާ ކަމަށެވެ.
މިސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަަކަށް ރިޢާޔަތް ކޮށްގެން ރީޖަން ވައިސްކޮށް މިހައުސިންގ ސްކީމްގެ ތެރެއިން ފުރުސަތުލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިކެޓަގަރީގެ ދަށުން އެފަދަ މުވައްޒަފުންނަށް ހައުސިންގ ފްލެޓް ހަމަޖައްސައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާޢަތުިގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ކުރާނެ ކަމަށެެވެ.
އަދި އެގޮތައް ޚާއްސަ ކުރެވޭ ފްލެޓްތަކުން އެސަރަހައްދެއްގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހައުސިންގ ފްލެޓް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެކި ސަރަހައްދުތަކުން ހައުސިން ހަމައެކަނި މިލްކު ވުމުގެ އިތުރުން އަމިއްލަ ރަށް ނޫން އެހެން ހިސާބެއްގައި އުޅޭއިރު، ކުއްޔަށް ނަގައިގެން އެތަނެއްގައި ބޯހިޔާވަހިކަން ހޯދައިގެން އުޅޭނީ ނިޒާމެއް ވެސް މީގެ ތެރޭގައި ހިމެނުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކުރެވި ނިންމައިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުިގައި މަސައްކަތް ކުރާ މީހުންނަށް ޚައްސަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް އެކުލަވައިލުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.






