ރައްޔިތުންގެ ތާއީދުން އިންތިޚާބު ކޮށްފައިވާ ސަރުކާރެއް ބަޣާވާތަކުން ވައްޓާލުމަށް ތާއީދު ނުކުރާ ކަމަށް ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
މަޙްލޫފް މިހެން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވި ޢަލީ ޢާޒިމް ރައީސް ޑރ މުޙައްމަދު މުޢިއްޒު އަޒުލް ކުރުމާއި ގުޅޭ ގޮތުން ކުރައްވައިވައިފައިވާ ޓްވީޓަކާއި ގުޅުވައެވެ.
“ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުޢިއްޒު އިންތިޙާބުވެވަޑައިގަތީ މަނިކުފާނާއި އަދި މަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ” ޢާޒިމްއަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވެފައިވެއެވެ.
އިތުރަށް މަޙްލޫފް ވިދާޅުވެފައިވަނީ އަދި މިސަރުކާރަށް 2 މަސް ނުވާ ކަމަށާއި، ރައްޔިތުން އިންތިޙާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން ނުވަތަ ބަގާވާތަކުން ވައްޓާލުމާއި ދެކޮޅުކަމަށެވެ.
އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށާއި އިންތިޙާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުޢިއްޒު އިންތިޙާބުވެވަޑައިގަތީ މަނިކުފާނާއި އަދި މަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސް ގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ. އަދި މިސަރުކާރަށް 2 މަސް ނުވޭ.
ރައްޔިތުން އިންތިޙާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން / ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު.… pic.twitter.com/XuOQupPkpI
— Ahmed Mahloof (@AhmedMahloof) January 9, 2024
ރައީސް މުއިއްޒު ޢަޒުލް ކުރުމަށާއި ސަރުކާރާއި ދެކޮޅު ވާހަކަ ދެއްކުމާއި ސަރުކާރަށް ފާޑު ކިޔުން މިވަގުތަށް ބޮޑުވެފައިވަނީ އަވަށްޓެރި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީބް ގެ ފަތުރުވެރިކަން އިސްތިހާރު ކުރި ކަމަށް ބުނެ ނަރެންދްރަ މޯދީއަށް މިހާރުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ފާޑު ކިޔުއްވުމާއި ގުޅިގެނެވެ.
އެފާޑު ކިޔުންތަކާއި އެކު ސޯޝަލް މީޑީއާގައި އިންޑިޔާގެ ރައްޔިތުން ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ގޮވާލުން ވަނީ އިތުރުވެފައެވެ.
އަދި އިންޑިޔާގެ މަޝްހޫރު ބައެއް މީހުންވެސް ދަނީ މިކަމުގައި ޝާމިލް ވަމުންނެވެ.
އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށް ފާޑު ކިޔުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި ސަރުކާރުގެ އިސް އޮފިޝަލުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.






