އައްޑޫ ސިޓީގައި ފުލުހުންގެ ސަތަރީސް ވަނަ އަސާސީ ތަމްރީން ކޯސް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފައިވަނީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލްކަމާއި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުން ހިންގާ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ސަތިރީސް ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފި ކަމަށެވެ.
މި ހިނގާ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އައްޑޫސިޓީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓުގައި ފެށި މި ތަމްރީން ކޯސް އިފްތިތާޙް ކޮށްދެއްވައި ޝަރަފުވެރިކޮށް ދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ސޮބާޙް ކަމަށް ފުލުހުން ބުނެފައިވެެއެވެ.
އަދި މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާ އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވި ކަމަށްެވެސް ފުލުހުން ބުނެއެވެ.
16 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 150 ފިރިހެން ފުލުހުން ހިމެނޭހެން ޖުމްލަ 198 ފުލުހުން ބައިވެރިވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ އަސާސީ ތަމްރީނު ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެ ކަމަށްވެސް ފުލުހުންގެ މުއައްސަސާއިން ބުނެފައިވެއެވެ.






