ލ.މާބައިދޫ ޕޮލިސް ޕޯސްޓު ހުޅުވައި ޚިދްމަތް ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާބައިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ޚިދުމަތް ދޭން ފަށައިފިކަމަށެވެ.
މިއަދު ލ. މާބައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި މާބައިދޫގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމާމެދު ޝައްކުނުކުރައްވާކަމަށް ވިދާޅުވިއެވެ.
އަދި މި ކުޑަ ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ޤައުމަކަށްވުމާއި، އެހެން ޤައުމުތަކާއި އަޅާބަލާއިރު ކުށް ދައުރުވުން ހަލުވި ޤައުމަށް ވީނަމަވެސް ރައްޔިތުންނާ ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު އަމާން ޤައުމަކަށް މިޤައުމު ވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ޖިނާޢީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒްކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް ވިދާޅުވި އެހެންކަމުން މާބައިދޫގައިވެސް ފުލުހުންގެ މަރުކަޒެއް ޤާއިމްކުރުމަށް ފުލުހުންގެ ޤާނޫނުން ލާޒިމްކުރާކަން ފާހަގަކުރައްވައި، މިއަދު ހުޅުވިގެންދާ މަރުކަޒަކީ އެހުރިހާކަމެއް ޔަގީންކުރުމަށް ހުޅިވިގެންދާނެ ދޮރާޓެއްކަމަށް ކޮމިޝަނަރ ޝުޖާއު ވިދާޅުވިކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައުވަނީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުންކަމަށާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުންކަން ފާހަގަކުރައްވައި، ރައްޔިތުންނާ ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ކޮމިޝަނަރ ވިދާޅުވިކަމަށެވެ.
ފުލުހުންގެ ޚިދުމަތް ކުރިއަށް އޮތް ފަސް އަހަރަށް ރާވާ، އިންތިޒާމްކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައިވެސް ފުލުހުންގެ ޚިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެކަމަށާއި އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭކަމަށް ޝުޖާޢު ވިދާޅުވިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ.
ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމު އާއި އެރަށު ކައުންސިލް މެމްބަރުންނާއި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޘް އިބްރާހިމް އާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.






