ޔުނައިޓެޑް ޢަރަބިއެމިރޭޓްސް އާއި ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ޚިދްމަތް ލިބޭހެން އެޚިދްމަތް ފުޅާކޮށް ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވައި ރާއްޖެ ވަޑައިގެން އެއަރޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ.
އެގޮތުން ޔޫއޭއީ އަދި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ޚަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް، ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 17 ރަށެއްގައި ހުރި ޞިއްޙީ މަރުކަޒުތަކަށް، ލެބޯރެޓަރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީޒް، ޗައިނާގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ދެކަނބަލުން މިމަހުގެ 7 އިން 13އަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.






