Close

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑީޖީ އާއި ޕީޖީ ޝަމީމް ބައްދަލުކުރައްވައިފި!

އެންސީޓީސީ އާއި ޕީޖީ އޮފީހާއި އެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ: ޕީޖީ އޮފީސް

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގރ ޑިރެކްޓަރ ޖެނެރަލް މޭޖަރ (ރޓ) ވައިޘް ވަޙީދު، ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ އޮތް އެބައްދަލުވުމުގައި އެންސީޓީސީޢިން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި، ކުރިއަށް ރާއްވަވާފައިހުރި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމާއި، ތަޙްޤީޤުކޮށް، ޕްރޮސިކިއުޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރަން ކުރެވެން ހުރި ކަންކަމާއި މަޝްވަރާ ކޮށްފައިވެއެވެ.

އަދި ޓެރަރިޒަމް ހުއްޓުވުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއި މެދު ދެބޭފުޅުން ވާހަކަ ދައްކަވައިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެއިތުރުން ތަފާތު އެކި ޤައުމުތަކުގެ އިދާރާތަކާއެކު ގުޅިގެން، ކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި އިތުރަށް ހަރުދަނާކުރަންޖެހޭ ދާއިރާތަކާބެހޭ ގޮތުން މުޅި ސަރުކާރާއި ދައުލަތުގެ އިދާރާތައް އެއްކޮށް މަސައްކަތްކުރުމާބެހޭ ގޮތުންް މަޝްވަރާކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހަމަ މިއާއި އެކު މީޑިއާއަށް މަޢުލޫމާތުދިނުމާއި، އެދާއިރާގައި ދައުލަތުގެ އިދާރާތައް ކުރާ މަސައްކަތްތައް މީޑިއާ މެދުވެރިކޮށް ޢާންމުންނަށް އެނގޭނޭގޮތް ހެދުމަށް ކުރާނެ ކަންތައްތަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެންސީޓީސީއިން ހިންގަވާ ޕްރޮގްރާމްތަކުގައި، އެންސީޓީސީގެ ލީޑަރޝިޕްގެ ފަހަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދާއިރާއިން ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް، ޑިރެކްޓަރ ޖެނެރަލް، މޭޖަރ ރޓ، ވައިޘް ވަޙީދަށް އެރުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުން ކަމުގައިވާ އަލްއުސްތާޛު މަޙްމޫދު ސަލީމާއި އަލްއުސްތާޛު ޢަލީ ސަމީރާއި، މޭޖަރ ކްރައިމް ޔުނިޓުގެ ހެޑު، ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފަރަހަނާޒް މުޙައްމަދު ދީދީއާއި ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު މުޙައްމަދު އަފްރާޙު ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top