Close

އުތީމުގެ ހައިބަތު ދެމެހެއްޓުމުގެ ހުވަފެން އެއްހާސް އަހަަރުގެ ދުރަށް ދެކެން ޖެހޭ: ވަޒީރު އާދަމް ނަސީރު

އުތީމު ކައުންސިލާއި ވަޒީރު އާދަމް ނަސީރާއި އެކު ބޭއްވުނު ބައްދަލުވުން. ފޮޓޯ: ދިވެހި ބަހާއި ބެހޭ ވުޒާރާ

އުތީމުގެ ހައިބަތު ދެމެހެއްޓުމުގެ ހުވަފެން އެއްހާސް އަހަަރުގެ ދުރަށް ދެކެން ޖެހޭ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ނަސީރު މިހެެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުން ބާއްވައިފައިވަނީ އިއްޔެ ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ އިތުރުން ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އުތީމު ކައުންސިލުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކައުންސިލުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ރަޝީދާއި ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު އާދަމާއި ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް ޢަލީ ސިފާމެވެ.

މި ބައްދަލުވުމުގައި އުތީމު ކައުންސިލުގެ ފަރާތުން ރައީސް ޢަބްދުﷲ ރަޝީދު ވަނީ އުތީމުގެ އާސާރީ ތަރިކަތައް ހިމާޔަތްކުރުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަދައްކަވައިފައެވެ.

އެގޮތުން އުތީމުގައި ހުންނަ އުތީމު ގަނޑުވަރާއި ކަނދުވަލު މިސްކިތް މަރާމާތު ކުރަން ޖެހިފައިވާކަން ފާހަގަކޮށް އެކަމާ ގުޅޭ މަޢުލޫމާތު ވަޒީރާ ހިއްސާކުރައްވައިފައެވެ. އަދި އާއްމުންނަށް ގަނޑުވަރު ހުޅުވާލާފައި ހުންނަ ވަގުތު އަލުން މުރާޖަޢާ ކުރުމަށް ވެސް ލަފާ އެރުއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ އުތީމު ގަނޑުވަރާ މެދު ހުރި ކަންބޮޑުވުންތަކާއި އިންތިޒާމީ ދަތިތަކަކީ އާދައިގެ ގޮތަކަށް އަދުގެ ސަރުކާރުން ދެކެވަޑައިގަންނަވާ ކަންތައްތަކެއް ނޫން ކަމަށެވެ.

ޚާއްޞަކޮށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމިއްޔަތަށް ދެއްވާ އިސްކަމުގައި އުތީމަކީ ވަރަށް މަތީ ދަރަޖައެއް ދެއްވާ ރަށެއްކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ގަނޑުވަރުގެ ހައިބަތާއި މާނަވީ އަގަށް ޓަކައި މުޅި އުތީމަކީ އެ ރަށުގެ އަސްލުވަންތަކަން ސަލާމަތްކުރެވި، ޚާއްޞަ ޢިއްޒަތެއް ދެވިފައިވާ ރަށަކަށްވުން މުހިންމުކަމުގައި ވިދާޅުވިއެވެ. އެއީ މީގެ އެއްހާސް އަހަރު ފަހުން ދުނިޔޭގައި އުޅޭނެ އުތީމުގެ ދަރީން އެ ރަށުގެ ތާރީޚަށް ޓަކައި ފަޚްރުވެރިވުމަށް ޓަކައެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ އުތީމުގައި ހުރި އާސާރީ ތަރިކަތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެކުލަވައިލެވޭ ޕްލޭނުގެ މަސައްކަތް ފެށްޓެވުމަށްޓަކައި ދުރު ނޫން މުސްތަޤުބަލެއްގައި އުތީމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޓީމެއް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ހއ. އުތީމަކީ ގިނަ އާސާރީ ތަރިކަތަކެއް ހުރި ރަށެކެވެ. ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ލިސްޓުގައި އުތީމު ބަޑި ފަސްގަނޑާއި، ކަނދުވަލު މިސްކިތާއި، ކާނި ގަހާއި، އުތީމު ދޫނި ތުނޑި އާއި، މާމިސްކިތް މަގާއި، ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ މަހާނަފުޅާއި، ކަނދުވަލު މިސްކިތު ވެވާއި، ގަނޑުވަރު މައިދާނާއި ގަނޑުވަރު މަގު ހިމެނެއެވެ. އުތީމުގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އުތީމު ތިން ބެއިންގެ ޢާއިލީ ގެކޮޅު ކަމުގައިވާ އުތީމު ގަނޑުވަރަކީ ދިވެހިރާއްޖޭގެ ނިސްބަތުން އެންމެ މުހިންމު އެއް ޤައުމީ ތަރިކައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top