ސޯޝަލް ސެންޓަރުގަައި ޤާއިމްކުރި މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެތަން ހުޅުވަައިދެއްވި އިރު މިކަމަކީ
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުންހުޅުވިގެން ދިޔަ ތަނެކެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމުހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ.
އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ޞިއްޙީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭކަމެކެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު އެތަން ބައްލަވާލެއްވިއެވެ. މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓްބޯލް މެޗެއް ވެސް ރައީސް ބައްލަވާލެއްވިއެވެ.
ކުޅިވަރު ކުރިއެރުވުމާއި ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ އަދި ފިޓްނަސްއާ ގުޅޭކަންކަން ފަހިކޮށްދެއްވުމަކީ ރައީސް ޑރ މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.






