އިންޑިޔާ އިން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވައިލަމުން ދިޔަޔަސް އިންޑިޔާ ފަތުރުވެރިން މަދު ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.
އިންޑިޔާގެ ސަރުކާރުގެ އިސްވެރިންނާއި މަޝްހޫރު ބަޔަކު ހިމެނޭހެން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލަން ފެށުމާއި އެކު މަޓާޓޯ ވަނީ އިންޑިޔާގެ ފަތުރުވެރިން ހޮޓަލްތަކުގެ ބުކިން ކެންސަލް ކޮށްފައިވާ މިންވަރު ބެލުމަށް ދިރާސާއެއް ކޮށްފައެވެ.
މަޓާޓޯގެ އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި، ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު ގިނަވާން ފަށާފައި ވަނީ 2020 ވަނަ އަހަރުން ފެށިގެނެވެ. އެގޮތުން އެ އަހަރު އިންޑިޔާއިން 62,960 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް މަޓާޓޯއިން ހާމަކޮށްފައިވެއެވެ.
އޭގެއިތުރުން 2021 ވަނަ އަހަރު 291,787 ފަތުރުވެރިން, 2022 ވަނަ އަހަރު 291,787 ފަތުރުވެރިން އަދި ނިމިދިޔަ 2023 ވަނަ އަހަރު 209,198 އިންޑިއާ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް މަޓާޓޯގެ ދިރާސާއިން ދައްކައެވެ.
2020 އަހަރުން ފެށިގެން ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު މައްޗަށް ގޮސްފައިވަނީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް އެ ދިރާސާއިން ދައްކައެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން ކަމުގައި ވިއަސް، އެ އަހަރު އެ ގައުމުގެ ފަތުރުވެރިންގެ އަދަދު ވަނީ 2022 ވަނަ އަހަރަށްވުރެ 3.3 އިންސައްތަ ދަށްވެފަ އެވެ.
މަޓާޓޯއިން ބުނީ މި ފަހަކަށް އައިސް ބައެއް ބުކިންތައް ކެންސަލް ކުރުމާއެކު އިންޑިއާ ފަތުރުވެރިން ކޮންމެ ވެސް ވަރަކަށް މަދުވި ނަމަވެސް، މި މަހު އިންޑިއާ ފަތުރުވެރިން ދަށްވެފައިވަނީ، އެހެން އަހަރުތަކުގައި ވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށް ކަމަށެވެ.






