ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތްތަކުގެ މަސައްކަތް ގާތުން ބައްލަވަމުން ދާކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓުވީޓެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ދާކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
“އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެކަމަށެވެ. އަދި ހުރިހައި ދާއިމީ މަޝްރޫޢެއް ގިނަވެގެން 2 އަހަރު ތެރޭ އިންޝާ ﷲ ނިންމޭނެ. އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް އިންޝާ ﷲ ދެން ލަސްތަކެއް ނުވެ ނިމޭނެ” ޑރ ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ފޭސް ދޭއްގެ ދާއިމީ މިސްކިތްތައް އަވަހަށް ނިންމުމަށް އެހީތެރިވުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަމާޒު ކަމަށާއި، ފޭސް 2ގެ މިސްކިތްތައް ނިމޭ އިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަށް ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ހަމަމިއާއި އެކު ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 3 ހާސް މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1162 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް ނިމިގެންދާނެ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފޭސްގައި ދިރިއުޅޭ މީހުންގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ޙާފިޒުންނަށް އިސްކަން ދެވޭނެ ކަމަށާއި މި ރަމަޟާން މަހު ދެވަނަ ފިޔަވަހީގައި ހުޅުވޭ ދާއިމީ މިސްކިތުގައި ދަމު ނަމާދު ވެސް އޮންނާނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.






