Close

ބައެއްގެ އަޞްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް: ވަޒީރު އާދަމް ނަސީރު

ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމް. ފޮޓޯ: ދިވެހިބަހުގެ ވުޒާރާ

ބައެއްގެ އަޞްލުތައް ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ސަލާމަތް ކުރަންޖެހެނީ އެބައެއްގެ ބަސް ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ނަސީރު މިހެން ވިދާޅުވީ "ތުއްތު ކަމަނަ ސިލްސިލާ" ގެ ނަމުގައި އަމިއްލަ ފަރާތަކުން ކުޑަކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ސިލްސިލާ އިފްތިތާޙު ކޮށްދެއްވުމަށް އިއްޔެ ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ދިވެހީންގެ އަޞްލު ސަލާމަތް ކުރުމަށްޓަކައި ދިވެހިބަސް ސަލާމަތް ކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހީން ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކޮށް އުޅުނުއިރު ދިވެހީން އުފެއްދި އުފެއްދުންތައް މާ މޮޅުވެފައި ފުރިހަމަ ކަމަށެވެ.

މިކަމުގެ މިސާލު ދައްކަވަމުން ވަޒީރު ވިދާޅުވީ އެހާރުގެ ދިވެހީންގެ އޮޑިދޯނިފަހަރާއި އޭރުގެ ދިވެހީން ބިނާކުރި މިސްކިތްތަކުން ދިވެހިވަންތަކަން ފެންނަން ހުންނަ ކަމަށެވެ. އަދި އެއީ ދިވެހީންނަށް ދިވެހީންގެ އަމިއްލަ އަގު ވިސްނިފައި އޮތުމުގެ ސާފު ނަތީޖާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ދިވެހީން ދިވެހިބަހުން ވިސްނިއިރު ކުރެވިފައި ހުރި މަސައްކަތް ކަމަށާއި، އޭރު ދިވެހިވެށިން ލިބެންހުރިި ވަޞީލަތްތަކުން ދިވެހީންގެ ކަންކަން ފުއްދަމުން ދިޔަ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ ދިވެހިޤައުމިއްޔަތުގެ ސިޔާސަތުގެ ދަށުން ދިވެހި ޤައުމިއްޔަތު އިޢާދަ ކުރުމަށްޓަކައި އަމިއްލަބަހުން ވިސްނާ ޖީލެއް އުފަންކުރުވުމުގެ މުހިންމުކަން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފާހަގަކުރެއްވިއެވެ.

އެތަޞައްވުރުގެ ތެރެއިން ކުރެވޭނެ މަސައްކަތަކީ ދިވެހީންނަށް ދިވެހިންގެ އަޞްލުތައް ބުނެދިނުމާއި، ދިވެހީންނަކީ ކިހާ އަގެއްހުރި ބައެއްކަމާއި ކިހާ ފަންނުވެރި ބައެއްކަން ބުނެދިނުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ގެ ޙަފްލާގައި އިފްތިތާޙް ކުރެވުނު ތުއްތު ކަމަނަ ސިލްސިލާ އަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމަސައްކަތަކީ ކިތަންމެ ކުޑަކޮށް ފެންނަން އޮތް ނަމަވެސް ޤައުމީ ނިސްބަތުގައި ބޮޑު އަދި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ އެހެން ފަރާތްތަކުންވެސް މިކަހަލަ ކަންކަމުން ހިތްވަރު ހޯއްދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ތެރެއިން މިހާރަށްވުރެވެސް ބޮޑަށް ތަރުޙީބު ދެވޭނޭ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތުއްތު ކަމަނަ ސިލްސިލާ" އަކީ ތުއްތު ކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖައްސައި، ދިވެހިބަހަކީ އެކުދިން ޝައުޤުވެރިވާ ބަހެއްގެ ގޮތުގައި ހެދުމާއި ތުއްތު ކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ދިވެހިބަސް ދަސްކޮށްދިނުމުގެ މަޤުޞަދުގައި އަމިއްލަ ފަރާތަކުން އެކުލަވާލައި ތައްޔާތުކޮށްފައިވާ ވީޑިއޯ ސިލްސިލާއެކެވެ. އިއްޔެ އިފްތިތާޙް ވެގެންދިޔައީ މި ސިލްސިލާގެ ފުރަތަ ބައެވެ.

މި ސިލްސިލާ ތައްޔާރު ކުރުކުރެއްވުމުގެ މަސައްކަތަކީ އަލްފާޟިލާ ޝިމްލާ އަޙްމަދު ކުރައްވާފައިވާ މަސައްކަތެކެވެ. އެނާއަކީ މީގެ ކުރިންވެސް ދިވެހިބަހުން ކުޑަކުދިންނަށް ޚާއްޞަ ފޮތް ތައްޔާރުކުރައްވާފައިވާ ފަރާތެކެވެ. އަދި ސަރުކާރުން ޤަބޫލު ކުރާ ފެންވަރަށް ކުޑަކުދިންގެ ފޮތް ތައްޔާރުކުރާ ފަރާތްތަކަށް ދެއްވާ އިނާމު 2004 ވަނަ އަހަރު އޭނާއަށް ލިބިލައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top