އައްޑޫ ސިޓީގެ ފެނާއި ކުނީގެ ކަންކަމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބަލަން ޖެހޭ ބެލުންތައް ބަލައި ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވީ ދައުލަތުގެ ޓީވީ އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެެވެ.
އައްޑޫ ސިޓީ އަށް ވަޒީރު ޠާރިޤް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ދިޔަ މި އިންޓަރވިއުގައި ވަޒީރު ޠާރިޤް ވިދާޅުވީ
ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެ ވުޒާރާގެ މެންޑޭޓުގެ މުހިންމު އެއް މަސައްކަތް ކަމުގައިވާ ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ގާތުން ބަލަންޖެހޭ މަސައްކަތަކަށްވާތީ އައްޑޫ ސިޓީގައި މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވުންކަމަށެވެ.މީގެ އިތުރުން ފެނާއި ކަރަންޓު ޚިދުމަތް ރަނގަޅު ގޮތެއްގައި ލިބުމަކީވެސް އައްޑޫގެ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިހާރުވެސް ފެނަކައިގެ މަސައްކަތްތަކުގައި މައްސަލަތަކާއި ގޮންޖެހުންތައް އެބަހުރިކަމަށާއި، އެގޮތުން އެ މައްސަލަތަށް ގާތުން ބަލައި އެކަން ހައްލުކުރެވެން އޮތީ ކޮން ގޮތަަކަށްތޯ ބެލުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ވަޒީރު ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެވުޒާރާގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން، ފެނާއި ނަރުދަމާ، ނޭޗަރ ޕާކު އަދި ބަޔޮސްފިއަރ ރިޒާރވްގެ މަސައްކަތްތަކަކީ އައްޑޫ ސިޓީގައި މިވަގުތު ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ. ވަޒީރު ވިދާޅުވީ އަައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި މޭޔަރ އާއި ބައްދަލުކުރެއްވެވި ކަމަށެވެ.
އަދި މި ބައްދަލުވުމުގައި އައްޑޫގައި ރަނގަޅުކުރަން ހުރި ކަންކަން ކައުންސިލްތަކުން ހިއްސާކުރެއްވި ކަމަށްވެސް ހުރިހާ ކައުންސިލަރުންވެސް އައްޑޫ ސިޓީގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް، މިހާރަށްވުރެ ރަނގަޅަށް އެކަންތައް ކޮށްދިނުމަށް އެދިފައިވާ ކަމަށް ޠާރިޤް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ފެނަކައިގެ ކެޕޭސިޓީ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ދެމުންދަނީ އެންމެ ފެން ޕްލާންޓަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ޚިދުމަތް ދެމުންދާނަމަ އައްޑޫ ސިޓީން ފެން ކެނޑުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް އެ ވުޒާރާއިން ތައްޔާރުވަމުން އަންނަ ކަމަށާއި، މެދުކެނޑުމެއްނެތި 24 ގަޑިއިރު އައްޑޫއަށް ފެނުގެ ޚިދުމަތް ލިބޭނެ ގޮތްތައް ބައްލަވާނެކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އުފާވެރި ޚަބަރު ދެއްވައިފައެވެ.






