ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ކަޅުއޮއްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލެކެވެ.
މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.
ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.
ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭ ކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށް ކަމަށްެވެސް ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އަދި އެކި މަރުޙަލާތަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް ޢަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ހިމެނޭ ކަަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.
ކަޅު އޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށްެވެސް އެވުޒަރާއިން ބުނެއެވެ.
ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު ޢާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާއިރު އެކަމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާއެއްހައި ދުވަސް ތެރޭ ނިންމުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.






