ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.
އެއެކްސިޑެންޓަކީ ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އެކްސިޑެންޓުގައި އެމީހާއަށް ލިބުނު އަނިޔާތަަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ.
އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ޒުވާނާ ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:15 ގައެވެ.
ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ކަމަށާއި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބުނީ 22:15 ހާއިރުކަމަށެވެ. އަދި މިކަން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.






