ކ.އަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 19 މީހަކު އަނބުރާ ޢާއިލާއަށް ގެންދިޔުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީއިން ބުނެފިއެވެ.
އެ މިނިސްޓްރީއިން ބުނެފައި ވަނީ އެ ފަރާތްތަކުގެ އާއިލާތަކަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި، ސެންސިޓައިޒް ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
އޭގެއިތުރުން އާއިލާތަކުން އެ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީއިން ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ފާހަގަ ކުރި ގޮތުގައި މިއީ ކޮންމެ ފަރާތަކަށް ވެސް އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އާއިލާއާއެކު އުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ޢާއިލާތަކާއި ހަވާލުކޮށް އެކުދިންނަށް އާއިލީ މާހައުލެއް ހޯދައި ދިނުމަށްވެސް ދައުލަތުން ދަނީ މަސައްކަތް ކުރަމުންނެވެ.






