Close

ރާއްޖެއިން ނައްތާލައިފައިވާ ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ގއ ވިލިގިނލިން ފެނިއްޖެ

ގއ ވިލިގިނލި. ފޮޓޯ: ޓުވިޓަރ

ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ގއ ވިލިގިނލިން ފެނިއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިކަމާއި ގުޅިގެން އިއްޔެ ނެރެފައިވަނީ ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ހޯއްގޮވާ ކެއްސުމުގެ ބައްޔަށް ގއ.ވިލިނގިލިން 3 ކުޑަ ކުއްޖަކު ފައްސި ވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި ބައްޔަކީ ގަވާއިދުން ވެކްސިން ދޭންފެށުމާއި ގުޅިގެން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއް ނަމަވެސް މަދު މަދުން ރާއްޖެއިން ފެންނަ ބައްޔެއް ކަމަށެވެ.

މި ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށް ކަމަށްވާތީ 7 އަހަރު ނުވާ ކުޑަކުދިންގެ ތެރެއިން މި ވެކްސިން ފުރިހަމަ ނުކޮށް ތިބި ކުދިންނަށް ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މި ބައްޔަށް ޖަހާ ވެކްސިން އެ ރަށެއްގެ ސިއްޚީ ހިދުމަތްދޭ މަރުކަޒުން ލިބެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ކޭސްތައް ރާއްޖެއިން ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އައިޖީއެމްއެޗް އާއި ގއ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ޕޮސްިޓިވް ވެފައިވާ ކޭސް ތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދަން ފަށާފައެވެ.

މީގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި ބަނޑަށް 6 މަސްވެފައިވާ މާބަނޑު މީހުންނަށް އެންޓިބައޮޓިކް ޕްރޮފައިލެކްސިސް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓު ކުރުމާއި، ބަލިީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސްދީ، ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި، ބަލި ކޮންޓޮރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުން އަންނަކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރޯގާޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން، ކެއްސުން ދިގުލައިގެންދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫ ތަކެއް ދިމާވާ ނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ ބައްޔެއް ހުރި ނަމަ، ނުވަތަ ތުއްތުކުއްޖެއް ނުވަތަ މާބަނޑު މީހެއް ނަމަ ސިއްހީ ހިދުމަތްދޭ ފަރާތެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top