ޒިކުރާ މިސްކިތް އަލުން ބިނާ ކުުރުމަށް އެސްޖޭ ކުންފުންޏާއި މިއަދު ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ޒިކުރާ މިސްކިތް މިހާރުވެސް ހުރި ބިމުގައި އަލުން އެމިސްކިތް ބިނާކުރުމަށް އެސްޖޭ ކުންފުންޏާއި އިސްލާމީ ވުޒާރާއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ އިސްލާމީ ވުޒާރާގެ ފަރާތުން އެވުޒަރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރައްވައިފައިވަނީ އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.
އެސްޖޭ ކުންފުނިން ޒިކުރާ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އަމިއްލަ ޚަރަދުގައެވެ.
ޒިކުރާ މިސްކިތުގެ އިތުރުން، އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އިތުރު ދެ މިސްކިތެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި އިސްލާމީ ވުޒާރާއިން މިއަދު ސޮއިކޮށްފައިވެއެވެ. އެއީ އަލީމް ފައުންޑޭޝަން އަދި ލީސާ މޯލްޑިވްސް އިން އިމާރާތްކުރާ ދެ މިސްކިތެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މާލޭގައި މީހުން ބައިބޯ ސަރަހައްދެއްގައި ވަގުތީ މިސްކިތެއް ހުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެ މިސްކިތް ވެސް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަސް ވަޒީރު ވިދާޅުވީ އަމިއްލަ ހަރަދުގައި މިސްކިތް ބިނާކުރުމަކީ ވަރަށް މާތްކަމެއް ކަމަށެވެ. ދުނިޔޭގައި ދޫކުރެވޭ އެންމެ ހެޔޮ ކަންކަމަކީ ވަގުފު ކަންކަން ކަމަށާއި މާލެ ސަރަހައްދުގައި ފުރުގާން މިސްކިތް ފިޔަވައި ބާކީ ހުރީ އަމިއްލަ ފަރާތްތަކުން އެޅި މިސްކިތްތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.






