ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވެ، ވަގުތީ ގޮތުން އެ އެއާޕޯޓަށް ދަތުރުތައް ހުއްޓާލިތާ އެއް ދުވަސް ފަހުން ފަޔާ ޓްރަކެއް ފުވައްމުލަކަށް ރޭ ގެންގޮސް، މިއަދު ދަތުރުތައް ފަށައިފި އެވެ.
14،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކު އެއާޕޯޓްގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައާ ގުޅިގެން، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް އެ އެއާޕޯޓްގެ ދަތުރުތައް ހުއްޓާލީ މިދިޔަ ހޯމަ ދުވަހު އެވެ. ކަނޑުމަގުން ވެސް ދަތުރު ކުރުމުގައި އުނދަގޫ ރަށަކަށް ވުމުން ވޭތުވެދިޔަ ދެ ދުވަހު އެ ރަށުން ބޭރަށް ނުދެވި އެތައް ބަޔަކު ރަށުގައި ތާށިވި އެވެ.
ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި ގޮތުގައި އައްޑޫއިން ގެނައި ފަޔާ ލޮރީއާއެކު އެއާޕޯޓްގެ އޮޕަރޭޝަން އަލުން ފަށާފައިވެއެވެ. ހަމައެކަނި މޯލްޑިވިއަން އެއާލައިން ދަތުރުކުރާ ފުވައްމުލަކު އެއާޕޯޓުން މިއަދު ހަވީރު ފުރަތަމަ ފްލައިޓް ފުރާނެ ކަމަށް އޭނާ މައުލޫމާތުި ދެއްވިއެވެ.
ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް މެދުކެނޑިއްޖެ
ރީޖަނަލް އެއާޕޯޓުތައް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމަށްފަހު އެމްއޭސީއެލްއާ ހަވާލު ކުރުމުން ރީޖަނަލް އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން އާއި ފަޔަ ފައިޓިން ސާމާނުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށާފައިވާ ކަމަށެވެ.
"އެއްވެސް އެއްޗެއް މެއިންޓެއިން ކޮށްފައެއް ނެތް. އަޅުގަނޑުމެން ގެންދިޔައީ އިމަޖެންސީކޮށް އެއްޗެހި ގަތުމުގެ ޕްރޮސެސްއެއް ފައްޓައިގެން. އެކަމަކު ފަޔަ ފައިޓިން އެއްޗެހި ގަންނައިރު ވަރަށް ބައިވަރު ކަންކަން އެބަ ބޭނުންވޭ ކަސްޓަމައިޒް ކުރަން،" ޝަރީފް ވިދާޅުވިއެވެ. އެއާޕޯޓުތަކާ ހަވާލުވި ގޮތަށް އެ ތަކެތި ގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.







